ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

Ads by Asuru

މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް ބީއެމްއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުންޏެވެ.،

ބީއެމްއެލް އިން ބުނީ އެ ޖަލްސާގައި މޯލްޑިވްސް ސެކުއިރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ ”ފަހިވޯޓު“ މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ބުނީ ޕްރޮކްސީހޯލްޑަރުން ހާޒިރުވެގެންނާއި ދުރާލާ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ޖަލްސާ އަކީ އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ޖަލްސާ އަކަށް ވާތީ ބީއެމްއެލް އިން ބުނީ ވޯޓުލުން ކުރިޔަށް ގެންދާނީ ”ފަހިވޯޓު“ މެދުވެރިކޮށް ކަމަށެވެ. ބީއެމްއެލް އިން ވަނީ ޕްރޮކްސީހޯލްޑަރުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީ ވާން ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ 29ވަނަ ދުވަހާ ހަމައަށެވެ.

މި ޖަލްސާގެ އެޖެންޑާގައި ޗެއާޕާސަންގެ އުޖޫރައާމެދު ގޮތެއް ކަނޑައެޅުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސް ކުރުމާއި މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން އޮންނާނެއެވެ.

މީގެއިތުރުން ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުމާއި މި އަހަރު ކުންފުނި އޮޑިޓުކުރަން ހޮވާ އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުން ވެސް އޮންނާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.