”އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް“ ނުވަތަ ހައިސްޕީޑް ފެރީގެ ހިދުމަތް ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ޒޯންގެ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގައި މިއަދު ދަތުރުތައް ފަށައިފިއެވެ.

Ads by Asuru

އެ ހިދުމަތް ފެށުމަށް ބޭނުންވާ ހަތަރު ހައި ސްޕީޑް ފެރީއެއް ފެބްރުއަރީގައި ގެނެސް ބަނދަރުކޮށްފައިވާއިރު، މިއަދު ފަތިހު 5:30 ހާއިރު އެ ފެރީތަކުން ވަނީ ހިދުމަތްދޭން ފަށައިފައެވެ. އޭގެ ތެރެއިން ކޮންމެ ފެރީއެއްވެސް ދަތުރުކުރާނީ ވަކި ރޫޓަކުންނެވެ.

އެމްޓީސީސީންނާއި ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އިންޓަގްރޭޓަޑް ފެރީ ނެޓްވޯކްގެ ހިދުމަތް ތަޖުރިބާކޮށްލައި އެ ހިދުމަތަށް އާންމުން އަހުލުވެރި ކުރުވުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހައި ސްޕީޑް ފެރީތަކުން ހިލޭ ދަތުރު ކުރެވޭނެއެވެ. އެ މުއްދަތުގައި ފެރީގެ ހިދުމަތް ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހެއްދުމަށް ފަހުގައި ކަމަށްވެސް އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން 11 ވަނަ ދުވަހުން ފެށިގެން ފެރީ ހިދުމަތަށް ފައިސާ ނަގަން ފަށާނެ ކަމަށާއި، އެއަށްފަހު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހެދުން ހުއްޓާލާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އޭގެ ފަހުން ފެރީ ހިދުމަތުގެ ޓިކެޓު ގަންނަން ހާއްސަކޮށްފައި ވެބްސައިޓާއި މޯބައިލް އެޕް ބޭނުންކޮށްގެން ޓިކެޓް ގަތުމަށް އެމްޓީސީސީން އެދެއެވެ.