ހައްޖުގެ މާތް އަޅުކަމާ ގުޅިގެން މުސްލިމުންނާ ބައްދަލުކުރާ އެންމެ އުފާވެރި އެއް ދުވަހަކީ އަޟްހާ އީދެވެ. ނަމަވެސް ފަހަކަށް އައިސް އަހަރުމެންނާ ބައްދަލުކުރާ އީދު ދުވަސްތައް ވެފައިވަނީ ބަޔަކު ”ނާޗަރަންގީ“ ކުޅެން ހޯދާ ބަހަނާއަކަށެވެ. ދެ ޖިންސު މަސްހުނިވެ، ނުބައި ކަންކަން ކުރަން ހޯދާ ފުރުސަތަކަށެވެ.

Ads by Asuru

ވިސްނައިލާށެވެ. އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ނިވާކަން ކުޑަ ހެދުން އަޅައިގެން ސްޓޭޖްތައް މަތީގައި، ކުޑަކުދިންނާއި އާއިލާ އެއްކޮށްގެން އެ ހިންގަނީ ކޮންފަދަ ވިޔާނުދާ އަމަލުތަކެއްތޯއެވެ؟ މިއީ އިސްލާާމްދީން ހުއްދަ ކުރާ ކަންކަންތޯއެވެ؟ މުސްލިމުންނަށްޓަކައި ދެ އީދު ދެއްވީ މި ”ކުޅިވަރެއް“ ކުޅެންތޯއެވެ؟

ނަށާ ގްރޫޕެއް ރާއްޖޭގެ ރަށެއްގައި ސްޓޭޖް މައްޗަށް އަރައި، ނިވާކަން ކުޑަހެން ހީވާނެހެން، ގައިގެ ހަމުގެ ކުލައިގެ، ގަޔަށް ބާރު ހެދުން ލައިގެން ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ފޭސްބުކްގައި ވަނީ އާއްމުވެފައެވެ.

މި ވީޑިއޯއަށް އެތައް ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިކަމާ ދެކޮޅަށް ބަހެއް ވިދާޅުވާާން ކެރުނީ ކިތައް އިލްމުވެރިންނަށްތޯއެވެ؟ ކަމާބެހޭ މުއައްސަސާތައް ކޮބައިތޯއެވެ؟ އިސްލާމިކް މިނިސްޓްރީއާއި ދީން ހިމާޔަތް ކުރާ އަދާލަތު ޕާޓީގެ އިލްމުވެރިން ކޮބައިތޯއެވެ؟ ގަދަ ނިދިން ހޭފުޅުނުލެއްވެނީތޯއެވެ؟ ނޫނީ ތިމާމެން ރުހޭ ސަރުކާރެއްގައި ހިނގާ ކަންކަމަށްވާތީ، ނުފެންނަ ކަމަށް ހަދަނީތޯއެވެ؟ ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެތާއެވެ!

މިފަދަ ނޭދެވޭ އަމަލުތައް ނުހުއްޓުވޭނަމަ، އަންނަން އޮތް ޖީލުތަކާ ހަމައަށް، އިސްލާމްދީނުގެ ހިދާޔަތު ފޯރުކޮށްދޭނީ ކިހިނެއްތޯއެވެ؟ ޅަ ދަރިން ކުރިމަތީގައި ތިޔަ ޖައްސާ ވައްތަރުތަކުން، އެކުދިންގެ ހިތްތަކަށާއި ސިކުނޑިތަކަށް ތިޔަ ވައްދަނީ ކޯޗެއްތޯއެވެ؟

ތަނެއްގައި މުންކަރާާތްތަކާއި ފާހިޝް ކަންކަން އާއްމުވެއްޖެނަމަ، އެއީ ތިމާމެން އަމިއްލައަށް މާތް ރަސްކަލާނގެ ކޯފާއަށް ހުށަހެޅުމެވެ. އެކަލާނގެ ދެއްވައިފާނެ އަޒާބަށް ކުޑަވެސް ބިރެއް ނެތީތޯއެވެ؟

އީދު ފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ ނަމުގައި، އަހަރުމެންގެ ދީނުގެ އަސްލުތަކާ ހިލާފު ކަންކަން ކޮށްގެން ނުވާނެއެވެ. އަދިމި މުޖްތަމައުގައި އެފަދަ ކަންކަމަށް ޖާގަވެސް ދެވިގެން ނުވާނެއެވެ.