ނިމިދިޔަ ފަސް އަހަރު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުން އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހޯރަފުށީގައި ރޭ ބޭއްވި އެ ދާއިރާގެ ސަރުކާރު ކެނޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އިސްކޮށްފައިވަނީ އެމީހުންގެ އަމިއްލަ މަސްލަހަތު ކަމަށާއި އެކަމުގެ ނޭދެވޭ ނަތީޖާ އެ ޕާޓީގެ ސުޕަރ މެޖޯރިޓީ މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް ފެންނަމުން އަންނަ ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ އެކަންތައްތައް އިސްލާހުކޮށް ގައުމުގެ މިސްރާބު ރަނގަޅުކުރުމަށް ކަމަށެވެ. އެގޮތުން ރައީސްގެ އަރިހުގައި ރައްޔިތުން އެދުނީ ރިޒާވްގައި އިތުރަށް ފައިސާ ބެހެއްޓުމާއި، ވަޒީފާގެ ފުރުސަތުތައް ގިނަކޮށްދިނުމާއި، ގައުމުގެ މިނިވަންކަން އަލުން އަނބުރާ ހޯދުމާއި، ރާއްޖޭގެ ސަރުކާރުގެ ކުންފުނިތައް ވަރުގަދަކޮށް، ކުދި ވިޔަފާރިތަކަށް ދައުލަތް ދަރާފައި އޮތް އޮތުން ހުއްޓުވާ، ގައުމު މުއްސަނދިކޮށްދިނުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒާ ރައްޔިތުން ވެރިކަން ހަވާލުކުރީ އެ މެންޑޭޓް ރައީސްއަށް ދެއްވާފައި ކަމަށެވެ. އަދި އެމަނިކުފާނު އެ މެންޑޭޓައިގެން ކުރިއަށް ދިޔަ ކޮންމެ ދުވަހަކު، ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް ކުރަމުން ދިޔައީ އުނދަގޫ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މަޖިލީހުގެ ތެރެއިން ރައީސް އަށް ކުރަމުން ދިޔަ އުނދަގޫތައް އެންމެ ކައިރިން ފެނުނު އެއް ބޭފުޅަކީ ސައީދު ކަމަށާއި އެ އުނދަގޫތައް ރައްޔިތުންނަށްވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

އެއީ ވަޒީރުންނަށް ރުހުން ދިނުން ކަމުގައި ވިޔަސް، ސަރުކާރުން ހުށަހަޅާ ބިލްތައް ފާސްނުކޮށް މަޖިލީހުން ބޭރުކުރުން ކަމުގައި ވިޔަސް، ސަރުކާރު ހިންގުމުގައި ސީދާ އުނދަގޫތަކެއް ކުރަން އެތައް މަސައްކަތެއް ކުރުން ކަމުގައި ވިޔަސް.

ސައީދު ވިދާޅުވީ ވެރިކަމަށް އެންމެ ދޮޅު މަސް ތެރޭގައި ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންވެސް މަޖިލީހުން މަސައްކަތް ކުރިކަމަށާއި، ހިތާމައަކީ ރާއްޖޭގައި އެކަން ކުރަން ނުޖެހޭ ބައެއް އިސްވެރިން ދައުލަތުން މުސާރަ ނަންގަވައިގެން ގައުމު ހަލަބޮލިވާނެ ނިންމުންތައް ނިންމުމަށް މަކަރުވެރި ރޭވުންތައް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ރައްޔިތުން ނިންމި އުންމީދީ ނިންމުމަކީ ދެތިން ވެރިންނަށް ކަމުނުދާ ކަމެއް ކަމަށް އަމިއްލައަށް ގަބޫލުކުރެވިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ މަހަކު ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ މުސާރައެއް ނަންގަވައިގެން ސަރުކާރަށް ކެހި ދިނުމުގެ މަސައްކަތް ކުރީގެ ވެރިން ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން ފަސް އަހަރެއް ގެއްލިގެން ދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ނަތީޖާއެއް ނުނެރެވޭނެ ބަޔަކަށް އިތުރު ފަސް އަހަރެއް ދޭންވީ ކޮން ސަބަބަކާ ހުރެތޯ ސައީދު ވަނީ އެމްޑީޕީއާ މެދު ސުވާލުއުފައްދަވާފައެވެ. ސައީދު ވިދާޅުވީ އެފަދަ ބަޔަކަށް މަޖިލީހުގެ ފަސް ދައުރެއް އަލުން ހަވާޅުކުރުމަކީ ނުބައި ބައްޔެއް ޖެއްސި ވައިރަސް އަށް އަލުން އެ ފުރުސަތު ދިނުންފަދަ ކަމެއް ކަމަށެވެ.

ސައީދު ވަނީ ރައްޔިތުން ރައީސް މުއިއްޒާ ހަވާލުކުރި މެންޑޭޓް ފުރިހަމައަށް ކުރިއަށްގެންދިއުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.