ހުޅުމާލެ ފޭސް 2 ގެ ފަރުކޮޅުފުށި ސަރަހައްދުގައި ޤާއިމްކުރާ ވަގުތީ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.
ފަރުކޮޅުފުށި ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ޕެޓް ކެއަރ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމްކުރުމަށް ހަދާ ފެސިލިޓީއެއް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ފެސިލިޓީ އިން ބުޅާތަކަށް ބޭނުންވާ ފުރިހަމަ އަޅާލުން ލިބިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ބުޅާތައް ފެންވަރުވާ ސާފުކުރުމާއި، ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި، ކްލިނިކަކާއި، ފާމަސީއަކާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
މި ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން ގޭގައި ގެންގުޅޭ ބުޅާތަކާއި ތަފާތު ޖަނަވާރުތަކާއި، ދޫނިސޫފާއިސޫފިތަކަށް ލިބެންޖެހޭ ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއި ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދަނީ ޕެޓް ކެއަރ ޝެލްޓަރގެ ތެރޭގައި ހިމެނޭ ވަގުތީ ފެސިލިޓީގެ މަސައްކަތްތަކެވެ. ދާއިމީ ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އަންނަނީ ކުރަމުންނެވެ.
ޕެޓް ކެއަރ ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިނަވެގެން ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު އަންނާނެއެވެ.
މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭ ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމްކުރުމަކީ ހަފްތާ 14 ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހިމަނުއްވާފައިވާ ކަމެކެވެ.
