ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
’ސަންގު ޓީވީ‘ އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ސިއްހީ ނިޒާމުވެސް އޮތީ ވަރަށް ދަށް ފެންވަރުގައި ކަމަށާއި އައިޖީއެމްއެޗަށް ބައްލަވާލުމުންވެސް ރާއްޖޭގެ ސިއްހީ ނިޒާމުގެ ފެންވަރު ދަށްކަން އެނގިވަޑައިގެންނެވިކަމަށެވެ.
ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ މެދުތެރޭގައި ފަށާނެކަމަށާއި، އެ ޕްރޮގްރާމްގެ ތެރެއިން ކިޔަވަން ފޮނުވުމާއި އިތުރު ޓްރެއިނިންގތައް ދެވިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ ޕްރޮގްރާމަށްފަހު އަނބުރާ ސަރުކާރު ހޮސްޕިޓަލްތަކަށް ނަރުހުންނާއި ޑޮކްޓަރުން އައުމުން އެބޭފުޅުންގެ ހިދުމަތްތައް ހަރުދަނާކަމާއެކު ދެވިގެންދާނެ ކަމަށެވެ.
ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން ވަނީ ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމުގެ އުސޫލެއްވެސް ތައާރަފްކޮށްފައެވެ. އެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުސޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖައްސުމަށް އެ އުސޫލުގެ ދަށުން ކަނޑައަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ނިޒާމު ވަރުގަދަކުރެވޭނީ މުވައްޒަފުން އިތުރުކޮށްގެން ކަމަށާއި، އޭގެ ސަބަބުން ހިދުމަތްތައް ދިނުމުގައި ފަރުވާކުޑަކުރުން ވެސް އިންތިހާއަށް މަދުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ކެޕޭސިޓީ ބިލްޑް ކުރެވި މުވައްޒަފުން އިތުރުކުރެވިގެން ދިއުމުން ޑޮކްޓަރުން ބާން އައުޓްވެ، ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމާއި ފަރުވާ ކުޑަކުރުން މަދުވެގެންދާނެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލުގެ ނިޒާމުގެ ތެރޭގައި މޮނިޓަރިންއާއި ސަޕޯޓް ސަރވިސްވެސް ވަރުގަދަކުރެވިގެން ދާންޖެހޭކަމަށެވެ. އެގޮތުން ބައެއް ހޮސްޕިޓަލްތަކުގައި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށްރަށުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި އަދި ޓާޝަރީ ހޮސްޕިޓަލްތަކުގައިވެސް ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ހެލްތު މިނިސްޓްރީން މަސައްކަތްތައް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތްތަކުގެ ސަބަބުން މި އަހަރު ތެރޭގައިވެސް ސިއްހީ ދާއިރާއިން ހެޔޮ ބަދަލުތައް ފެންނަން ފަށާނެ ކަމަށެވެ.
