ތަރައްގީގެ ރާޑަރުގެ މެދަށް، ތ.އަތޮޅު އަރުވަން ބޭނުންފުޅުވެލައްވާ ކަމަށް ވިދާޅުވެ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ތ.ގުރައިދޫ ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ ހަނާން މުހައްމަދު ރަޝީދު(ހަންޓެ)ގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ަމިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ތ.އަތޮޅަކީ ޒަމާންތަކެއްވަންދެން އަޅާނުލެވި އޮތް އަތޮޅެއް ކަމަށާއި، އެކަން ބަދަލު ކުރުމަކީ އެމަނިކުފާނުގެ މުހިންމު ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެ މަސައްކަތުގައި، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީީސްއަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ ގުރައިދޫންކަން ފާހަގަކުރައްވައި، އެ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ހޮއްވަވައިދެއްވާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އެ ތަރުހީބު، ހަމަ މުޅި ރާއްޖޭގެ ހުރިހާ ދާއިރާތަކުން ވެސް، މަޖިލިސް އިންތިހާބުގައި ވެސް އެންމެ މަތީ އިންސައްތައަކުން، މުޅި ރާއްޖެއިން ވެސް އެންމެ ކެންޑިޑޭޓަކަށް ދޭނީ، އަޅުގަނޑު ހަމަ ހިތުން ހަމަ ގުރައިދޫ ދާއިރާއަށް.“  ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހީން ނިންމީ ދިވެހީންގެރާއްޖެއަށް ދިޔުމަށް ކަމަށާއި، އެއީ މިނިވަން، ބޭރުގެ ސިފައިން ނެތް، އަދި އަމިއްލައަށް ކުރެވޭނެ ކަންކަން، އަމިއްލަ ފައި މައްޗަށް ތެދުވެގެން ކުރާ ރާއްޖެއެއް ކަމަށް ރައީީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިކަންކަމަށްޓަކައި ސަރުކާރާއިއެކުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ަ