އޭނާ އަކީ ހުންނެވި ސިޔާސީ ޕާޓީ ބަދަލު ކުރައްވާނެ މީހެއް ނޫން ކަމަށާއި، ދެމި ހުންނަވާނީ ސަރުކާރާއިއެކުގައި ކަމަށް ތ.ގުރައިދޫ ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ ހަނާން މުހައްމަދު ރަޝީދު(ހަންޓެ) ވިދާޅުވެއްޖެއެވެ.
ހަނާންގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން، އޭނާ ޕާޓީ ބަދަލު ނުކުރައްވާނެ ކަމަށާއި، ހުންނަވާނީ ވެސް ސަރުކާރާއިއެކުގައި ކަމަށެވެ.
”އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް ހިދުމަތް ކުރުމަށޭ އަޅުގަނޑު މަސައްކަތް ކުރާނީ ވެސް، ސަރުކާރާއި ގުޅިގެން، އަޅުގަނޑުމެންގެ ދާއިރާ ތަރައްގީ ކުރަން.“ ހަނާން ވިދާޅުވިއެވެ.
ހަނާން އިތުރަށް ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ ތާއީދާއި ލޯތްބާއިއެކުގައި، އޭނާ އެ ދާއިރާ ތަރައްގީގެ އެންމެ އުސް ކުރި ބޯއްޓާއި ހަމައަށް ވާސިލުކޮށްދެއްވާނެ ކަމަށެވެ.
އޭނާގެ ވާހަކައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވިދާޅުވީ އެމަނިކުފާނަކީ ވެވަޑައިގަންނަވާ ވައުދުފުޅާއި އެއްގޮތަށް އަމަލު ކުރައްވަވާ ބޭފުޅެއް ކަމަށާއި، ރިޔާސީ އިންތިހާބުގައި އެންމެ ގިނައިން ވޯޓު ލިބޭ ރަށަކަށް ދަތުރުފުޅު ކުރެއްވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވައި، ވެރިކަން ލިބިވަޑައިގެންނެވި ފަހުން އެމަނިކުފާނު އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ގުރައިދޫއަށް ކަމަށެވެ.
