މާތް ވެގެންވާ އިސްލާމް ދީނަށް ހަޖޫ ޖެހި ބަޔަކަށް މި ގައުމުގެ މިސްރާބު ހަވާލުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން އެދިވަޑައިގެންނެވީ ލ. ގަމު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޔޫސުފް ރަޝީދު (ޔޫތު) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެ ޕާޓީގެ އަތުގައި ސަރުކާރު އޮތް އިރު ދީނަށް ހަޖޫ ޖަހާ ކުޑައިމީސް ކުރި ކަމަށާއި އެފަދައިން އަމަލުތައް ހުރި ބަޔަކަށް މި ގައުމުގެ މިސްރާބު ހަވާލުކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އެ އަމަލުތައް ތަކުރާރުކުރުމަށް އެ މިސްރާބަށް މި ގައުމު އަލުން ގެންދިއުމުގެ ފުރުސަތު އަނެއްކާ ނުދިނުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރަސޫލާއަށާއި އަޅުގަނޑުމެންގެ އަގީދާގެ މައިގަނޑު މަސްދަރުތަކަށް ހަޖޫ ޖަހާ ރިޕޯޓު ހެއްދެވުމުގެ އިތުރުން ފަސް އަހަރުގެ ވެރިކަމެއް ނިންމާލީ އެ ރިޕޯޓު ހެއްދެވި ބޭފުޅުން މަތީ މަގާމުތަކުގައި ބައިތިއްބައިގެން ދިވެހި ރައްޔިތުންގެ ބައިތުލް މާލުން މުސާރަ ދީގެން ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން އެކަން ކޮށްފައިވަނީ އޭރުގައި ވެސް ސުޕަރ މެޖޯރިޓީ އޮވެގެން ކަމަށެވެ. އަދި އެ މިސްރާބަށް މިގައުމު ގެންދަން އަނެއްކާ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން އެމަނިކުފާނާ ވެރިކަން ހަވާލުކުރެއްވީ ގައުމީ އަދި ދީނީ ވިސްނުމެއްގައި ގައުމު ސަލާމަތް ކުރަން ކަމަށެވެ. އަދި ދިވެހިވަންތަ ގައުމެއްގެ ގޮތުގައި މި ގައުމު ކުރިއަށް ގެންދިއުމަށް ދިވެހިން ނިންމި ނިންމުން ފުރިހަމަ ކުރުމަށްޓަކައި މި ސަރުކާރުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.