ކިނބިދޫ ދާއިރާއަށް ވާދަކުރުމަށް ނުކުމެ މިހުރީ ’ދިވެހީންގެރާއްޖެ‘ އެއް ކިނބިދޫ ދާއިރާއާ ހަމައަށް ގެނެސްދިނުމުގެ މަގުސަދުގައި ކަމަށް އެ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަޝްރަގް ވިދާޅުވެއްޖެއެވެ.
އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ކިނިބިދޫ ދާއިރާއަށް އޭނާ ކުރިމަތިލީ ދާއިރާގެ ރައްޔިތުން ކުރާ އުއްމީދުތަކެއް ހާސިލުކުރުމުގެ މަގުސަދުގައިކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއެކު ތަރައްގީގެ ރާޑަރަށް ކިނިބިދޫ ދާއިރާ އެރުވުމަށް ކަމަށެވެ.
އަޝްރަގް ވިދާޅުވީ އިންސާފައި ހަމަހަމަކަން އަދި ޒުވާނުން ބާރުވެރިކުރުވުމަކީ އޭނާގެ އަމާޒުކަމަށާއި މަޖިލީހަށް ވާދަކުރަން ނިންމީ ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓައި، ދިވެހީންގެރާއްޖެ ކިނބިދޫ ދާއިރާއާ ހަމައަށް ގެނެސްދިނުމުގެ މަގުސަދުގައި ކަމަށެވެ.
މިއަދު މި ދާއިރާއަށް ބޭނުންވަނީ ދާއިރާގެ ހާލަތު އެނގޭ، ދާއިރާގައި ހުރި މައްސަލަތައް ތަޖުރިބާކޮށްފައި ހުރި އަދި ދާއިރާއަށް އުފަން، ދާއިރާއަށް ނިސްބަތްވާ ދަރިއެއް.
އަޝްރަގް ވިދާޅުވީ އޭނާއަށްވުރެ ގިނައިން ދާއިރާގެ ރަށްތަކަށް ގޮސް ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރި އިތުރު ކެންޑިޑޭޓަކު ނުހުންނާނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނާ އޭނާ ބައްދަލުކުރަނީ ރައްޔިތުން އުޅޭ ހާލަތު ބަލައި، އެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައްތައް ހޯދުމަށްކަމަށް އަޝްރަގް ވިދާޅުވިއެވެ.
އަޝްރަގް ވިދާޅުވީ ދާއިރާއަށް ކޮންމެހެން ބޭނުންވާ ވަރަށް ގިނަ އަސާސީ ހިދުމަތްތައް ކަށަވަރުވެފައި ނެތް ކަމަށެވެ.
އަޅުގަނޑު މި އަންނަނީ ދާއިރާގެ ކަންތައްތައް ރަނގަޅުކުރަން. ސަރުކާރާ ގުޅިގެން ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރާނަން. އިރާދަކުރެއްވިއްޔާ ޓޫރިޒަމް މި ދާއިރާއަށް ގެންނާނަން. ސިއްހީ ނިޒާމު މިއޮތް އަނދަވަޅުން ނަގާ، ސިއްހީ ނިޒާމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރާނަން. ދަނޑުވެރިކަމުންނާއި މަސްވެރިކަމުން ލިބޭ ނަފާ އިތުރުކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނަން. ޒުވާނުން ބާރުވެރި ކުރުވާނަން. ކަނބަލުންނަށް ފުރުސަތު ފަހިކޮށްދޭނަން. އިސްރަށްވެހިން ބާކީ ކޮށެއް ނުލާނަން. ހާއްސަ އެހީއާއި މެންޓަލް އެހީއަށް ހާއްސަ ސަމާލުކަމެއް ދޭނަން.
އަޝްރަގް ވިދާޅުވީ މިކަންކަމަކީ މިއަދާ ހަމައަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ. މިކަންތައްތައް ބަދަލުކޮށް، ދިވެހީންގެ ރާއްޖެއެއްގެ ތަޖުރިބާ ކިނބިދޫ ދާއިރާއަށް ގެނެސްދިނުމަށް އަޝްރަގް އަށް ވޯޓުދިނުމަށް އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
