އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި، އިދިކޮޅު ހަރަކާތްތަކަށް އެއްވެސް ވަރަކަށް ފުރުސަތު ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނަކަށް ކަނޑައެޅުއްވި، ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ހީނާ ވަނީ، މިދިޔަ ފަސް އަހަރުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމަށް ވެސް އޭރުގެ ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އެޅި ކަމަށް ވިދާޅުވެފައެވެ.
”ޕީޕީއެމް އޮފީސް ދޮރުމަތީގައި، ބެރިޖޭޑު ޖަހާ، އަދި ހަމަ އެހެންމެ، އަދި އޮފީސް ދޮރިމަތި ބަންދުކޮށް، ފުލުހުން އެތަންތަނަށް ހުރަސް އަޅާ، އިދާރީ މުވައްޒަފުންނަށް ވެސް، އެންމެ ކުޑަމިނުން ވަނަ ނުދީ، ހިފަހައްޓާފަ އެތައް ދުވަހަކުވޭ.“ ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ ވެރިކަމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރުގައި ވެސް ، އޭރުގެ ސަރުކާރުން އިދިކޮޅުން ބާއްވަން މަސައްކަތްކުރި ސުލްހަވެރި އެއްވުންތަކަށް ވެސް ހުރަސް އަޅާފައިވާ ކަމަށެވެ.
”އަދި ހަމަ އެހެންމެ، ކެމްޕެއިން ކުރަން ވެސް ކެންޑިޑޭޓުންނަށް ފުރުސަތު ނުދިންކަން އަޅުގަނޑު ފާހަގަކުރަން.“
އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީން ހޭދަ ކުރި ފަސް އަހަރުގެ ހަނދާންތައް އާ ކުރައްވަމުން ހީނާ ވަނީ، އޭރު ސުލްހަވެރި އިދިކޮޅު ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރެއިން، އަންހެނުންނަށް ހާއްސަކޮށް، ޓާގެޓް ކުރަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަންހެނުން ފަހާ ދުވެ، ސީދާ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުން ފަދަ ކަންކަން ކުރިކަމަށް ހީނާ ވިދާޅުވިއެވެ.
