ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު ވަން އައިލެންޓް ކޮންސެޕްޓްގެ 4 ރިސޯޓު ލ. އަތޮޅުގައި ތަރައްގީކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން ރާވާފައިވަނީ ލ. އަތޮޅުގައި ގިނަ ޓޫރިޒަމް މަޝްރޫއުތަކެއް ހިންގުމަށްކަމަށާއި މި ދައުރު ނިމޭއިރު ލ. އަތޮޅުގައި ވަން އައިލެންޓް ކޮންސެޕްޓްގެ 4 ރިސޯޓު ތަރައްގީކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ފައިސަލް ވިދާޅުވީ ވިޒިޓާސް އިކޮނޮމީ ކައުންސިލުން ފާސްކޮށްފައިވާ ހެރިޓޭޖް ޕްރޮޖެކްޓްވެސް ލ. އަތޮޅުގައި ހިންގާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަގާފަތް ވަރަށް ބޮޑަށް އެކުލެވޭ ކަންކަން ލ. އަތޮޅުގައި އެބަހުރި ކަމަށާއި، އެތަންތަން ޓޫރިސްޓް އެޓްރެކްޝަންސްގެ ގޮތުގައި ބަދަލުކުރެވި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް މަޝްރޫއުތައް ހިންގާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގަމުގައި އޮންނަ ބޮޑުފިނޮޅު ރަށުގައިވެސް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް ހިންގާނެކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ލ. ގަމުގައި އައްސޭރި ޕްރޮޖެކްޓުގެ ނަމުގައި 700 ބެޑް ތަރައްގީ ކުރެވޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ލ. ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ލ. ކައްދޫގައިވެސް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގާނެކަމަށް އިއުލާނުކުރައްވާފައެވެ. އެކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ކައްދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދެވޭނެ ރަށެއް ކަމަށާއި ވަރަށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން އެތަނަށް ހުންނާނެކަން ޔަގީންކުރާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ލ. އަތޮޅުގައި ޖުމްލަކޮށް ޓޫރިޒަމްގެ ގިނަ އެނދުތަކެއް ތަރައްގީކޮށްގެން ނޫނީ ސަސްޓެއިނަބަލް ގޮތަކަށް ލ. އަތޮޅުގައި ޓޫރިޒަމް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެކަމުގައި މި އަދަދަށް ބެޑު ގެނައުމަށްޓަކާ މިހާރު ގަމުގައި ވެފައިވާ 700 އެނދުގެ ވައުދާއި އަދި ކައްދޫގައި މި ހިންގަން ޕްލޭންކުރާ ޕްރޮޖެކްޓާއި އަދި ލ. އަތޮޅުގެ ބައެއް ރަށްރަށަށް ދުނިޔޭގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި. އެހެންވީމާ އެ މަސައްކަތް މިހާރު އަޅުގަނޑުމެން އިންވެސްޓަރުންނާއެކީގައި މިދަނީ ކުރިއަށް.

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބި، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެވުމާއެކު، ރާއްޖޭގެ އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް ލ. އަތޮޅުގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްގީކުރާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ އެ ޕިކްނިކް އައިލެންޑް ވެގެންދާނީ ލ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާއި ލ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކަށް ހަމަޖެހޭ އުސޫލުތަކެއްގެ ތެރެއިން ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑަކަށް ހަދާދޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ ގެސްޓްހައުސްތަކަށް މިހާރު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެ އަތޮޅަށްދާ ފަތުރުވެރިންގެ އަތުން އެއަރ ފެއަރ ބޮޑުވާ މައްސަލަ ކަމަށެވެ. މިއަދު ލ. ފޮނަދޫ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ ކައުންސިލްގެ ރައީސް އެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމާއެކު، ރައީސް އެކަމަށް ވަގުތުން އެޓެންޑްވެ، މޯލްޑިވިއަން އާ އެކީ މަޝްވަރާކުރުމަށްފަހު ލ. އަތޮޅަށް ފަތުރުވެރިން އައުމަށް އެއަރ ފެއަރގެ ރަނގަޅު ޕެކޭޖެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.