އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަންކެޑެ މަޝްރޫއު އިފްތިތާހުކުރުން މިރޭ ހަންކެޑެ ސަރަހައްދުގައި އޮންނާނެއެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 އިން 10:00 އަށް ހަންކެޑެ ސަރަހައްދުގައެވެ.

އައްޑޫގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެންނަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދޭނީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާއި ދައުލަތުގެ އިސް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ލައިވް މިއުޒިކާއެކު ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އައްޑޫ ސިޓީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ހިތަދޫއަށް ވަޑައިގެން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި އެ މަޝްރޫއު ނިމޭއިރު 3780 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ 2080 އެނދުގެ ހަންކެޑެ މަޝްރޫއު ނިމިގެންދާއިރު 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެއާ ގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކު އިތުރު 1800 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ހަންކެޑެ ތަރައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގައެވެ. އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 1,041 ކޮޓަރި ހިމެނެއެވެ.