ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން ވެރިޔަކު އިންތިހާބު ކުރުމުން އެ ވެރިމީހާއަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވަވާ މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ފަސް މަސް ވާން ކައިރި ވީއިރު، އެމަނިކުފާނު ވެރިކަމުން އަޒުލު ކުރަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަން ކުރުމަށްޓަކައި، އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ނަގަން ޖެހޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މަޖިލީހުގައި މީގެ ކުރިން ހޯރަފުށި ދާއިރާ ތަމްސީލު ކުރެއްވި މުހައްމަދު އިސްމާއީލް ވިދާޅުވީ، މިއަދު މި ފެންނަނީ، އިދިކޮޅުން ސަރުކާރާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރައި، މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާނެ ކަމަށް ބުނެ އިންޒާރު ދޭތަން ކަމަށެވެ.

”ތިމާ އަތުން ވެރިކަން ބީވެގެން ދިޔުމުން އެކަމުގެ ހިތާމައިގައި، އަނެކާ ވެރިކަން ކުރިޔަ ނުދީ ޖެއްސުން ކުރުމަކީ އެމްޑީޕީ ބުނާ ޑިމޮކްރަސީ ތޯ؟“ އޭނާ ސުވާލު ކުރެއްވިއެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީީސް މުއިއްޒު، އޭރުގެ ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދެވިއެވެ.

އައްޑޫ ސިޓީ އާއި އ.އ އަތޮޅު ފިޔަވައި، އެހެން އަތޮޅުތަކުން ސޯލިހަށްވުރެ ގިނަ ވޯޓު ވެސް ހޯޯއްދެވިއެވެ. ރައީސް މުއިއްޒު އަށް 54.4 އިންސައްތަ ވޯޓު ލިބިލެއްވިއިރު، ސޯލިހަށް ލިބިވަޑައިގަތީ 45.96 އިންސައްތަ ވޯޓެވެ.