ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދޮގު ޓެގު އަޅުވަން އުޅެ އެކަން ކާމިޔާބު ނުވީމަ މިހާރު މަސައްކަތް ކުރަނީ އެމަނިކުފާނަކީ ކޮރަޕްޓް ބޭފުޅެއްގެ ގޮތުގައި ލޭބަލްކުރަން ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ކަމަށްބުނެ ދޮގު ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީ އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ދޮގުޓެގް އަޅުވަން ކަމަށެވެ. އަދި އެކަން ކާމިޔާބު ނުވުމުން މިހާރު މަސައްކަތް ކުރަނީ ކޮރަޕްޓް ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ލޭބަލް ކުރަން ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މި ސަރުކާރާ ގުޅޭ ގޮތުން އެމްޑީޕީން ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައްކަމުން އަންނަ ވާހަކައަކީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށްނުގެންދާ ވާހަކައެވެ. ނަމަވެސް ރައީސް މުއިއްޒުވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ފަދައިން މަޝްރޫއުތައް ހުއްޓާލާފައިވަނީ ކުރީ ސަރުކާރުންކަން އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ވެސް ވަނީ ފެނިވަޑައިގެންފައެވެ. އަދި މަޝްރޫއުތައް ހުއްޓާލާފައިވާ ކަމުގެ އެތައް ޝަކުވާއެއް ރަށް ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ އައިސްފައެވެ.

ދާދި ފަހުން ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައިވެސް ރައީސް ވަނީ މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ހިސާބުތައް ރައްޔިތުންނަށް ނަމްބަރުތަކުން ހިއްސާކޮށްފައެވެ. ހަގީގަތަކީ މަޝްރޫއުތައް ހުއްޓާލީ އެމްޑީޕީ ސަރުކާރުން ކޮރަޕްޝަންގެ ޖަރީމާތައް ހިންގުމަށް އެއް މަޝްރޫއެއް އެކި ފަހަރު މަތިން އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެންކަމީ މިއަދު ރައްޔިތުން ގަބޫލު ކުރާ ހަގީގަތެކެވެ.

މި ސަރުކާރު އައިސް ކުރި ކަމަކީ، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމަށް ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާދީ، މަސައްކަތް ފެށުމެވެ. އެގޮތުން އެ މަޝްރޫއުތަކުގެ މަސައްކަތްތަކާއި، މި ސަރުކާރުން އަލަށްވެސް ފަށާފައިވާ އެތައް މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިފަދަ ދޮގު ވާހަކަތައް އެމްޑީޕީން ދައްކާއިރު، ޝިއުނާ ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ މޭޔަރު އިންތިހާބުން ފެށިގެން ވެރިކަމަށް އައުމާ ހަމައަށް އެމްޑީޕީން މަސައްކަތް ކުރީ ރައީސް މުއިއްޒު ޖަލަށް ލާން ނަމަވެސް އެކަންވެސް ކާމިޔާބުވެފައި ނުވާކަމަށެވެ. އަދި ރައީސް މުއިއްޒަކާއި ނުކުޅެވޭނެ ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.