ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަލަށް އުފައްދަވައިގެން އުޅުއްވާ ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓަކަށް ތާއީދުކޮށްފިއެވެ.

އެމްޑީޕީން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) އަށް ތާއިދުކުރަން ނިންމާފައިވާކަން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންއެފް ސެކްރެޓަރީ މުހައްމަދު މަލީހް ޖަމާލް ނިންމަވާފައިވާއިރު ނަޒޫ ވަނީ އޭނާއަށް ތާއިދުކޮށްދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

https://x.com/nazunaseem/status/1780556527801418204?s=46ޕީއެންއެފް އިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ރައީސް ޔާމީން މީގެ ކުރިން ފާހަގަކުރެވިފައިވަނީ އެމްޑީޕީއާ ވަރަށް އިދިކޮޅު ބޭފުޅެއްގެ ގޮތުގައެވެ.

ޕީއެންއެފް އިން މިފަދައިން ނިންމާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީން، އަނޯނާގެ / ޏ. ފުވައްމުލަކަށް އެމްޑީޕީން ތާއިދުކުރަން ނިންމާފައިވާކަމަށްވެސް އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިއުލާނުކޮށްފައެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިފަހަރުގެ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ވާދަނުކުރާ ދާއިރާއެއް ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ ޝަރަފުއްދީން، ކެންޑިޑޭޓް ނަމްބަރު 2 އަށް ޕާޓީގެ އެންމެހާ ރައްޔިތުން ވޯޓު ދިނުމަށް އެދޭކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ވާދަނުކުރާއިރު، ވ. ފުލިދޫ ދާއިރާއާއި ތ. ގުރައިދޫ ދާއިރާ އަދި ފ. ނިލަންދޫ ދާއިރާއަށްވެސް އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ނުނެރެއެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓުން ވާދަކުރާއިރު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނުގެ ފަރާތުން 89 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރެއެވެ.