އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރާ އުސޫލުތަކާއި ހިލާފަށް ޖަމާއަތަކުން އަމަލުކުރަމުން އަންނަ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އަލްމަޝްޢަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި މައްކާއަށް ދިޔަ 50 އުމްރާވެރިން އެނބުރި ރާއްޖެ ނާދެވި ތާށިވި މައްސަލައެއް މިފަހުން ފެންމަތިވުމާއި ގުޅިގެންނެވެ. އެ ގްރޫޕަކީ މައްސަލަތައް ކުރިމަތިވާތީ އުމްރާ މީހުން ގެންދިއުމުގެ ހުއްދަވެސް ބާތިލުކޮށްފައި އޮތް ގްރޫޕެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެ ގްރޫޕުގެ ހުއްދަ ބާތިލުކުރުމުން ޓްރެވަލް އެޖެންސީއެއްގެ ނަމުގައި މި ރަމަޟާން މަހުވެސް އެ ގްރޫޕުން ވަނީ މީހުން އުމްރާއަށް ގެންގޮސްފައެވެ.

މިފަދަ މައްސަލަތައް އެހެން ބައެއް ގްރޫޕްތަކުންވެސް ކުރިމަތިވާއިރު، މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެބަޔަކު އުމްރާއަށް ދާ ގްރޫޕަކީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ އޮތް ގްރޫޕެއްތޯ ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް އަންގާފައެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވެސް ޝާއިއުކޮށްފައިވާނެއެވެ.