އިގްތިސާދީ ގޮތުން އަންނަމުންދާ ކުރިއެރުންތަކާއިއެކު، އުމްރާނީ ބޮޑެތި މަޝްރޫއުތައް ފެށި، ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރަމުން ދިޔައިރު، މި ސަރުކާރުން އެކަން ހުއްޓާލުމަށް ފަހު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް 35 މިލިއަން ޑޮލަރު ޖަމާކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

”އެއީ ފައިސާ ޗާޕު ނުކޮށް އަޅުގަނޑުމެން ކުރި މަސައްކަތް. ފައިސާ ޗާޕު ކުރުން އެއީ، ކުރީ ސަރުކާރުގައި އެންމެ ފަސޭހައިން ކުރި ކަންތައް. 8،000 މިލިއަން ރުފިޔާ ޗާޕު ކުރި ފަސް އަހަރު ތެރޭގައި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ، ރާއްޖޭގެ އިގްތިސާދު ފުނޑާލަން އެމްޑީޕީން ހިންގި އަމަލެއް ކަމަށާއި، އެކަން ހުއްޓާލަން ވައުދުވީ އެހެންވެ ކަމަށެވެ.

”އެ ވައުދު ވެސް އެ އޮތީ ފުއްދާފައި.“

އާމްދަނީ އިތުރުކޮށް، ފައިސާގައި އަގު ޖައްސައި، މިހާރު އިގްތިސާދު ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދީ ކުރިއެރުމުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފެށިގެންދާނެ ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އިތުރު ވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ކޮންމެ ވައުދެއް ވެސް ވެލެއްވީ، އެކަން ފުއްދެވުމުގެ އަޒުމްގައި ކަމަށް ވެސް ވިދާޅުވިއެވެ.