ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލިބިއްޖެނަމަ، ތަރައްގީގެ ދުވެލި ބާރު ވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ވެރިރަށް މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މިރޭ ވިދާޅުވީ، މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ލިބިއްޖެނަމަ، ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ ހަލުވި ދުވެލީގައި ގެނެސްދެއްވާނެ ކަމަށެވެ.

”ވަރަށް ބާރު ސްޕީޑުގައި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރަށް، ހުރިހާ ކަމެއް އަޅުގަނޑު ވައުދުވި ގޮތަށް ކޮށްދޭނަން މި ފަސް އަހަރު.“ ރައީސް ތަކުރާރު ކުރައްވަވާ ވައުދު، މިރޭ ވެސް ތަކުރާރު ކުރައްވަމުން ވިދާޅުވިއެވެ.

”އެހެންވީމާ، އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން ހޮވައިދޭންވީ.“

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ކަންކަން ކުރާ ގޮތަށް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ ވިޕް ލައިނަކާ ހެދި، ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލާ ބަޔަކަށް ރައްޔިތުން ވޯޓު ދީގެން ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި އެންމެ އިސްކުރަންވީ ކަމަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ އެކަންކަން ކޮށްދިނުމުގައި ރެއާއި ދުވާލު ހޭދަކުރަމުންދާ ސަރުކާރެއް ރައްޔިތުން ހޮވާފައިވާއިރު، އެ ސަރުކާރަށް ފުރުސަތު ދިނުމުގެ ވިސްނުން ކަމަށެވެ.

”އެއީ އިސްކުރަންވީ މަސްލަހަތަކީ. މި ގައުމުގައި ހަމަޖެހުން ގާއިމް ކުރުމުގެ ވިސްނުން އިސްކުރަންވީ.“ ރައީސް ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ، ވޯޓުލާއިރު އިސްކުރަން ޖެހޭނީ، ދަރިންގެ މުސްތަގުބަލުގެ މަސްލަހަތު ކަމަށާއި، އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަމަށެވެ.