ރައްޔިތުންނަށްޓަކައި ”ސީރިއަސް“ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅުވެލައްވާ ކަމަށާއި، އެކަމަށްޓަކައި ގިނަ ގާނޫނުތަކެއް ފާސް ކުރަންޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި ރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ގެދޮރުވެރިކަމާއި ގުޅުން ހުރި، ގިނަ ގާނޫނުތަކެއް ފާސް ކުރަން ބޭނުންވެލައްވާ ކަމަށެވެ. މާލެ ސިޓީ އާއި، ބައިބޯ އެހެން ސިޓީތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން ކުރާ ގޮތަށް، ހަދަން ޖެހޭ ގާނޫނުތައް ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

”އެކަންކަން ކުރުން ”ސީރިއަސް“ މަސައްކަތް މިއީ. އެ ތަންތަނަށް ހޮވާ މީހުން އެކަންކަމާ ދެކޮޅު ހެދުން މިއީ، ޕާޓީން ގޮތެއް ނިންމީމާ، ވިޕް ލައިނާ ހިލާފު ނުވެވޭނެތީ، ވޯޓު ނުދޭނެ ކަހަލަ މީހުންނެއް ނޫން ހޮވަންވީއެއް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި، ޕަޓީން ވަކި ގޮތަކަށް ވިޕް ލައިން ނެރުނީތީ، ގައުމު ހަލާކު ކޮށްލާ ބަޔަކަށް ވޯޓު ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.