އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވްކުރާ ރާއްޖޭން ބޭރުގެ އޮބްޒާވަރުން ރާއްޖެ އަންނަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، އިއްޔެ އިން ފެށިގެން ރައްޔިތުން މަޖިލިސް އިންތިހާބު ކުރިއަށް ގެންދާ ގޮތް އޮބްޒާވް ކުރާ ރާއްޖޭން ބޭރުގެ ބޭފުޅުން ރާއްޖެ އަންނަން ފަށާފައިވާއިރު އެ ފަރާތްތަކަށް މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ދޭ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް އީސީގެ ފަރާތުން 10 ގައުމެއްގެ 20 ފަރާތަކާއި، ބައިނަލްއަގުވާމީ ފަސް ޖަމާއަތަކުން 10 ފަރާތަކަށް ދައުވަތު ދީފައިވެއެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި 9،900 މީހުން ހަރަކާތްތެރިވާނެއެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމުލަ އަދަދު 284،663 އަށް މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
