މި އަހަރު ދިވެހިރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތް ”ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024“ އެވޯޑް ނައިޓާއި، މުބާރާތް ނިންމުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވި ދިވެހިރާއްޖޭގެ ބައެއް ކުޅުންތެރިން ވަނީ އެކި ކެޓެގަރީތަކުން ވަނަތައް ހާސިލުކުރައްވާފައެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ”ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024“ އެވޯޑް ނައިޓާއި، މުބާރާތް ނިންމުމުގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި މުބާރާތުން އެއްވަނަ ހާސިލުކުރި ފަރާތަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

އަދި މި ހަފުލާގައި ހިދުމަތާއި ޝުކުރުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމާއި މުބާރާތް ކުރިއަށްގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާކޮށްދެއްވުން ކުރިއަށްދިޔައެވެ.

ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ދެއްވާފައެވެ.

އަދި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރުތެރޭގައި ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނެ މަގުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައެވެ.

ހަމަ އެއާއެކު ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުމާއެކު، ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން މައްސަކަތް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.