ސަރުކާރުގެ ކޮންމެ ވުޒާރާ އަކުން ވެސް މަހަކު އެއް ފަހަރު ނޫސްވެރިންނާ ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަ ކުރައްވައި، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު އެއް ފަހަރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވަނީ ހަމަޖެހިފައި ކަމަށާއި، އެގޮތުން ސިޓީތަކާއި ކައުންސިލްތަކާބެހޭ ވުޒާރާއިން ބާއްވާ ޕްރެސް ކޮންފަރެންސް މިއަދު އޮންނާނެ ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮންމެ ވުޒާރާއަކުން މަދުވެގެން މަހަކު 1 ފަހަރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވަނީ ހަމަޖެހިފައި. އެގޮތުން ސިޓީތަކާއި ކައުންަަސިލްތަކާބެހޭ ވުޒާރާއިން ބާއްވާ ޕްރެސް ކޮންފަރެންސް މިއަދު އޮންނާނެ.
— Heena Waleed (@MvSpokesperson) May 2, 2024
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި، ސަރުކާރުން ނޫޫސްވެރިންނަށް އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯ އާއި، އެމަނިކުފާނު ރިޔާސީ ކެމްޕެއިނުގައި ޕޯޑިއަމްތަކުގައި ދެއްކެވި އެންމެހާ ވާހަކަފުޅުތައް އާއްމުންނަށް ފެންނާނެހެން ފޮތެއްގައި ޝާއިއު ކުރައްވާފައިވާއިރު، މިއީ ވެސް ސަރުކާރުގެ ހާމަކަން ބޮޑު ކަމާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ އިހްލާސްތެރި ނިޔަތް ހުރިކަން އަންގައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.
