މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގްސަދެއްގައި ވީޑިޔޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަހްލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ، އިމްރާންގެ ކާރުގައި އާންމުންގެ މީހަކު ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހުމުން، ހިނގި ކަންތައްތައް ވީޑިއޯކޮށް ބަޔަކު މީސްމީޑިއާގައި ދައުރުކުރަން ފެށުމުންނެވެ.
ހާދިސާ ހިނގައިދިޔަ ތަނަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފް (އިންމު) ވަޑައިގެން ވަނީ، އިމްރާނާއި ވާހަކަ ދައްކަވައި ޕިކަޕް ޑްރައިވަރަށް މައާފުކޮށް ދޭން އެދިވަޑައިގެންފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުށެއް ކުރި މީހަކާއިމެދު ކަންކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
”އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ!“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައުއެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި…
— Dr Mohamed Muizzu (@MMuizzu) May 6, 2024
ރައީސް
