ހައްތާވެސް ދަރީންކަމުގައި ދެކި، ކޮންމެ ކުޑަ ކުއްޖަކާއިމެދު ވެސް ލޯތްބާއިއެކު މުއާމަލާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކުޑަކުދީންގެ ދުވަހާއި ގުޅިގެން ނެރުއްވި ހިތާބުގައެވެ.

ރައީސް ވަނީ ކުޑަކުދީންގެ ދުވަހުގެ ހެޔޮ ދުއާތަކާއި ހެޔޮ އެދުންތައް، ދިވެހި އެންމެހައި ކުޑަކުދީންނަށް، އަދި އެ ކުދީންގެ މައިންބަފައިންނަށާއި، ބެލެނިވެރީންނަށާއި، އާއިލާތަކަށް، އަދި ކުދީންނަށް އުނގަންނައިދީ ހޭހަންކޮށް އަޅައިލުމުގައި ރެޔާދުވާލު ހޭދަކުރައްވާ ހިދުމަތްތެެރީންނަށް ހިތުގެ އިހްލާސްތެރި ލޯތްބާއި ކުލުނާއެކު އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އުސްތާޒުލްޖީލް މަރުހޫމް މުހައްމަދު ޖަމީލުދީދީ ”ހައްތާވެސް ދަރީންނެވެ“ މި ނަމުގައި ވަރަށް އަސަރުގަދަ އިބްރަތްތެރި ކުރުވާހަކައެއް 1981 ވަނަ އަހަރު ލިޔުއްވައި، ޝާއިއު ކުރައްވައިފައިވެއެވެ.

”މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް އިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުމެވެ. މިފަދަ ދުވަހެއްގައި މިއީ، ވިސްނައިލުން މުހިންމު ނުކުތާއެކެވެ.“ ރައީސްގެ ހިތާބުގައިވެއެވެ.

ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމާބެހޭ ބައިނަލްއަގްވާމީ މުހިންމު މުއާހަދާތަކުގައި ރާއްޖެެއިން ވަނީ ބައިވެރިވެފައި ކަމަށާއި ކުޑަކުދީންނަށް ހިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށްޓަކައި ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި  ފުރިހަމަކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދީންނަށް ރައްކާތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގު ދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުމަކީ ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް ކަމަށެވެ.

”މަރުހޫމް މުހައްމަދު ޖަމީލް ދީދީ އެ ވިދާޅުވި ފަދައިން، ”ހައްތާވެސް ދަރީން“ ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުއާމަލާތު ކުރުމެވެ.“

ރައީސް ވިދާޅުވީ ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައި ކަމަށާއި މިއީ، އެންމެންގެ ޒިންމާއެއް ކަމަށެވެ.