އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގެ ތެރެއިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް އިންޑިއާއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެ އާއެކު ގުޅުން ބަދަހިކުރަން އިންޑިއާ އިން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ ”ވިއޯން“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ދަރަންޏަކީ 60 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ ވެރިކަން ނިމުނުއިރު ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
”އެ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހެނީ އިންޑިއާއަށް. ވަރަށް ބޮޑު ބައެއް ދައްކަންޖެހޭ އިންޑިއާއަށް. އެހެންވެ ދަރަންޏަށް ލުއި ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު“ ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން ގެންގުޅެނީ ”ޕްރޯ މޯލްޑިވްސް“ ހާރިޖީ ސިޔާސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ރާއްޖެ އަކީ އިންޑިއާ އަދި ޗައިނާއާ ވެސް އެކުވެރި ގައުމެއް ކަމަށް ވިދާޅުވެފައެވެ.
އަދި ޗައިނާއަކީ ފާއިތުވި 10 އަހަރުން ފެށިފެން ރާއްޖޭގެ ތަރައްގީއެއް ބައިވެރިއެއް ކަމަށާއި ޗައިނާގެ އިންވެސްޓުމެންޓް ރާއްޖެއަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
