ދަރިވަރުންނަކީ މުޖްތަމައުއަށް މުހިންމު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން، މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސްގެ ޕޯސްޓުގައި ވަނީ ދުވަހުގެ ތަހުނިޔާ ދަރިވަރުންނަށާއި، މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.
އެމަނިކުފާނު ވަނީ އާ އަޒުމަކާއެކު އިތުރު ކުރިއެރުން ހާސިލު ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާ ކަމަށް ވިދާޅުވެފައެވެ.
ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލުކަންވެސް ނައިބުރައީސް ފާހަގަކުރެއްވިއެވެ.
އަދި ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައިވެސް މިއަދު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައެވެ. މި ފަހަރުގެ ދިރާސީ އާ އަހަރު ފެށީ، 96000އަށްވުރެ ގިނަ ދަރިވަރުންނާއިއެކުގައެވެ.
