މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވުމާއިއެކު، ސިޓީ ކައުންސިލުން ވަނީ ތިން ދާއިރާއެއްގެ ގޮނޑި ހުސްވެފައެވެ. އެއީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެ މަގާމުތަކަށް ކުރިމަތި ލައްވަން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން މި ފެށޭ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމަށް ކުރިމަތި ލައްވަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮތީ ހުޅުވާލާފައި ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން އީސީން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އީސީގެ މެއިލް އަށް ކަމަށާއި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލް އަށް ކަމަށެވެ.