އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް(އައިޔޫއެމް)ގެ ހިޔާވަހިކަމުގައި ވަރަށް އަގުހުރި ދަރީންތަކެއް އުފައްދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަޙީމް ވިދާޅުވީ، އައިޔޫއެމް އެންމެ ފުރަތަމަ ފެށުނީ 1980 ވަނަ އަހަރުގައި، މައުހަދުގެ ގޮތުގައި ކަމަށާއި، އޭގެ ފަހުން ކުއްލިއްޔާއަށް ބަދަލުވެ، މިއަދު ޔުނިވަރސިޓީއެއްގެ ގޮތުގައި ހިނގަމުން އަންނައިރު، އެތަނުން އުފެދުނު އަގުހުރި ދަރިން އެކި މަގާމުތަކުން ފެންނަމުންދާ ކަމަށެވެ.
”ހަމައެއާއިއެކު ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މި ހިޔާވަހިކަމުން ނުކުންނެވި ދަރިވަރުންގެ، ނުވަތަ މިއަދު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަޙްލާޤުގެ ރިވެތިކަން.“ އަބްދުއްރަޙީމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކައިގައި، އިސްލާމީ ރިވެތި އުސޫލުތައް ދިރުވުން، ސައްތައިންސައްތަ އިސްލާމީ މި ޤައުމަށް މުހިންމުވާއިރު، މިކަމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާ ކޮށްދެވޭނެ އެއް މުއައްސަސާއަކީ އައިޔޫއެމްއެވެ. ރާއްޖޭގައި ހަމަޖެހުން ޤާއިމުވެގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމަށްޓަކައި، ރައްޔިތުންގެ އަޚްލާޤީ މިންގަނޑު ރަނގަޅުވާާން ޖެހޭކަމުގައި ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
”ރަނގަޅު އަޚްލާޤެއްގެ މަތީގައި، އަޅުގަނޑުމެންނަށް ދެމިތިބެވިގެން ނޫނިއްޔާ، ތަނެއްގަ ސުލްހަވެރިކަމެއް ވެސް، އަދި އަމާން ކަމެއް ވެސް، އަދި އަދުލުވެރިކަމެއް ވެސް ޤާއިމު ކުރެވިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ.“ ޕީއެންސީގެ ޗެއާޕާސަންގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ވިދާޅުވިއެވެ.
އިސްލާމީ ތައުލީމު ކުރިއަރައިގެން ދިޔުމަށް ވެސް މާލީ ގޮތުންނާއި، ޖާގައިގެ ގޮތުން ތަނަވަސްކަން ބޭނުންވާއިރު، އިއްޔެ އިފްތިތާހު ކުރެވިގެން ދިޔަ މަޝްރޫއުއާއިއެކު، ހުޅުމާލޭގައި އައު އިމާރާތެއް ބިނާ ކުރެވި، ގިނަ ގޮތްގޮތުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
