ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން ހަމަޖައްސަވައިފިއެވެ.

އެ ފަސް މެންބަރުން ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތިންނެވެ.

އެގޮތަށް ކަނޑައަޅާފައިވަނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ފަސް މެންބަރުންނެވެ. އަދި އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ އެ ފަސް މެންބަރުންގެ ތެރެއިން މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެންނެވެ.

އޭގެ އިތުރުން ދެ މެންބަރެއްގެ ދޭތެރޭގައި ހަމަ ހަމަ ވެއްޖެ ނަމަ އެ ފަދަ މެންބަރެއް ތަރުތީބު ކޮށްފައިވަނީ މެންބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަން ދީގެންނެވެ.

އެ ފަސް މެންބަރުންނަކީ:

  1. 19 އަހަރު މެމްބަރުކަން ކުރެއްވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
  2.  15 އަހަރު މަޖިލީހުގެ މެމްބަރުކަން ކުރެއްވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  3. 15 އަހަރު މަޖިލީހުގެ މެމްބަރުކަން ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
  4. 15 އަހަރު މަޖިލީހުގެ މެމްބަރުކަން ކުރެއްވި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
  5. 15 އަހަރު މަޖިލީހުގެ މެމްބަރުކަން ކުރެއްވި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު

ގަވައިދު ބުނާ ގޮތުން މި ފަސް މެންބަރުންނަށް ވެސް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިިން ޖަލްސާގެ މުއްދަތަކަށެވެ.