ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ އިޙްލާސްތެރިކަމާއިއެކުގައި މަސައްކަތް ކުރައްވަމުން ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކުރީ ސަރުކާރުން ”ބިންވެރިޔާ ސްކީމް“ގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ދިނުން އަވަސް ކުރުމުގެ ބޭނުމުގައި ބިމާބެހޭ ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހެޅި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރުމަށް ލާޒިމުކޮށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި، އެއީ މާލެ ސިޓީގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު ފިތުނަ އުފެއްދުމަށް އެމްޑީޕީން ކުރި ކަމެއް ކަމަށެވެ.
2018 ވަނަ އަހަރުގައި ވެރިކަން ލިބުމުން، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި ފްލެޓުތައް ވެސް އެމްޑީޕީގެ ސަރުކާރުން އަތުލައި، ދޭން ބޭނުންވާ ބަޔަކަށް ބަހާލީ ކަމަށް އޭނާ ވިދާޅުވިއެވެ.
”ހަޤީޤަތަކީ ރާއްޖޭގެ ބޮޑެތި ފަޅުތަކުން، ބޮޑެތި ކަނޑުތަކުން ގޯތި ދީފައި، އެ ގޯތިތައް ހިއްކާ، ހަދާނެ ފައިސާ ދިވެހިރާއްޖޭގެ ޚަޒާނާއަށް ވައްދާފައި ދިޔަ ސަރުކާރެއް ނަމަ، މިކަން ކޮށްފައިދާން އެންމެ ރަނގަޅު.“ އައިބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ކޮށް ނިންމާފައި ދިޔައީ، ރައީސް މުއިއްޒުގެ ސަރުކާރަށް އެތައް މިލިއަން ރުފިޔާގެ ދަރަނިވެސް ދައްކަން ޙަވާލުކުރުމަށްފަހުގައެވެ.
”ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކާ، ހެޔޮ ނިޔަތުގައި ރައީީސް ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން. މާލީ ގޮތުން ވެސް ޤައުމަށް ތަނަވަސްކަން ހޯއްދަވަމުން.“ އޭނާ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ބިންތައް ވެސް ހިއްކަމުންދާއިރު، ފައިސާ ހޯދައިގެން އެ ތަންތަނުގައި ގެދޮރު އިމާރާާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
