އިންޑިއާގެ އެކި ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެ، އެންމެ ތިން ދުވަސް ތެރޭގައި 50 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރެއިން، 33 މީހުން މަރުވީ، އިންޑިއާގެ އުތުރުގެ އުއްތަރު ޕްރަދޭޝް ސްޓޭޓުންނެވެ. މީގެ ތެރޭގައި އިންޑިއާގެ އާއްމު އިންތިޚާބުގެ ވޯޓުލުމުގެ ކަންކަމުގައި އުޅުނު މީހުން؛ އޮފިޝަލުންނާއި، ސެކިއުރިޓީ ބަލަހައްޓާ މީހުންނާއި، ސާފު ކުރާ މީހުން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނީ، ހީޓް ސްޓްރޯކް ޖެހިގެން، އޮޑީޝާ ސްޓޭޓުން 20 މީހަކު މަރުވި ކަމަށެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު، އިންޑިއާގެ އާއްމު އިންތިޚާބު އޮންނައިރު، މި އިންތިޚާބު ބާއްވަނީ އެ ޤައުމަށް އެންމެ ހޫނު ގަދަވާ ދުވަސްވަރުގައެވެ. މި އަހަރުގެ އިންތިޚާބުގެ އެންމެ ފަހު މަރުހަލާ އޮތީ ހޮނިހިރު ދުވަހުއެވެ.

މި އަހަރަކީ، އެހެން އަހަރުތަކާއި އަޅާބަލާއިރު، އިންޑިއާއަށް އާދަޔާ ޚިލާފަށް ހޫނު ގަދަ އަހަރެކެވެ.