ތިން މަސް ދުވަސް ތެރޭގައި ގޯތިތައް ހަވާލުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ބޭރުކޮށްލި ނަމަވެސް ގޯތި ލިބުމަކަށް ހުރަހެއް ނޭޅޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.

ބިމާބެހޭ ގާނޫނަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އެ އިސްލާހާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން އެ އިސްލާހުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ.

ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވިއެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވިއެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ، އެ އިސްލާހުގައި ފުށު އަރާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރެވުނު އިރު، އެ ގޯތި އޮތްތަންވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ މި ނިންމުމާއި އެކު، ރައްޔިތެއްގެ އަސާސީ ހައްގަކަށް އަސަރު ނުކުރާނެކަމަށާއި، މިހާރުވެސް ބިމާ ބެހޭ ގާނޫނު އޮތް ގޮތުން އެ ގާނޫނުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ދޫކުރަމުންދާކަމަށެވެ.

ބިލު ބޭރުކުރިޔަސް އެ ރަޖިސްޓްރީތައް ދޫކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވެސް ހުސްނީ ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ، ބިލު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް ގާނޫނަށް އަމަލުކުރަން ފަށާ ތާރިހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންވާނެ ކަމަށެވެ.