ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
ލޮނުޒިޔާރަތް ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކުރިއަށް އޮތް އަހަރުތަކަށް ބަހާލައިގެން ހިންގުމަށް ރާވާފައިވާ މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސް މުޢިއްޒުއެވެ.
މި ޕްރޮގްރާމްގެ ދަށުން މިއަދު މާލޭގައި އިންދި 20 ބާވަތެއްގެ ގަސްތަކުގެ ތެރޭގައި، ކާބޮލި އަރޮޅި ހިމެނެއެވެ. ގދ.ތިނަދޫ އިން އެކަނި ފެނިފައިވާ މި ގަސް، މާލެ ސަރަހައްދުގައި ނެތްއިރު، މިއަދުގެ ޕްރޮގްރާމް ފައްޓަވައިދެއްވަމުން، މި ގަސް އިންދަވައިދެއްވީ ރައީސް މުޢިއްޒުއެވެ.
މިއަދުގެ ޕްރޮގްރާމްގައި، ރާއްޖެއިން ނެތެމުންދާ ކާމިނީ ޕޫލް ގަސް އިންދަވައިދެއްވީ، ފަސްޓްލޭޑީ، ސާޖިދާ މުޙައްމަދެވެ.
40 މީޓަރު ދިގުމިނަށް ހެދޭ ކިޔަވާފިލާ ގަސް އިންދަވައިދެއްވީ، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ. ހަމައެކަނި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ފެންނަ ތަނޑިރަތްމާ ގަސް އިންދަވައިދެއްވީ، ނައިބު ރައީީސްގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދެވެ.
ރާއްޖޭގެ ޗަސްބިންތަކުން ވަރަށް މަދުން ފެންނަ ބާވަތެއް ކަމުގައިވާ މެހެލި ގަސް އިންދަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއެވެ.
ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ކަހަރުވައް ގަސް އިންދަވައިދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމްއެވެ. އަދި ޗަމްޕާ ޕޫލް ގަހާއި، މަރު ގަހާއި، ޖަވާހިރުމާ ގަހާއި، ދޮންބެއްޔާ ގަހާއި، ޗާންދަނީ މާ ގަހާއި، ސަބުދެލި ގަހާއި، އަނޯނާއި ގަހާއި، ހިތި ގަހާއި، މަދޮށި ގަހާއި، ސައްކެޔޮ ގަހާއި، އަނބުޅަގަހާއި، ކީރަންމާ ގަހާއި، ހަޒާރުމާ ގަހާއި، ބުރަފަތިމާ ގަސް ވެސް މިއަދު ވަނީ އިންދާފައެވެ.
ު
