ތިމާވެށީގެ ދުވަހާއި ގުޅިގެން ސްޓެލްކޯއިން ވެސް ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ސްޓެލްކޯ އިން ވަނީ، މިއަދު ކ.ތުލުސްދޫގައި ގަސް އިންދުމުގެ ހަރަކާތް ފަށާފައެވެ.

މި ޕްރޮގްރާމް ފެށުމަށް އެ ރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ގަސް އިންދުމަށް ސްޓެލްކޯއިން އިސްކަން ދެނީ، އެ ކުންފުނިން ދޭ ހިދުމަތަކީ ތިމާވެއްޓާ ގުޅުންހުރި ހިދުމަތަކަށް ވާތީ ކަމަށެވެ. މިއަދު ފެށި ޕްރޮގްރާމްގައި، ސްޓެލްކޯ އިން އެކަނި ފަސް ލައްކަ ގަސް އިންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ މާލޭގެ ޕަވަރހައުސްއާއި އިތުރު 33 ރަށެއްގައި ވެސް، މިއަދު ގަސް އިންދާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

”މިއަދު 33 ރަށެއްގަޔާއި، މާލޭގެ ޕަވަރ ހައުސްގައި ގަސް އިންދުމުގެ ޕްރޮގްރާމް އެބަ ހިންގަން.“ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ އިތުރަށް މިއަދު އިރުއޮއްސި 6:00ޖެހުމާއި ހަމައަށްށ އެ ކުންފުނީގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި 27 ގަސް އިންދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް، ރާއްޖޭގައި 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް އެމަނިކުފާނު މިއަދު ފައްޓަވައިދެއްވި މަޝްރޫއުގައި ބައިވެރިވެ ކުރިއަށް އޮތް ފަސް އަހަރު ގަސް އިންދުމުގެ ހަރަކާތް ހިންގުމަށް އެ ކުންފުނިން މިއަދު ވަނީ ޕްލެޖްގައި ސޮއިކޮށްފައި ކަމަށެވެ.

މިކަމަށްޓަކައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ސޮއިކުރެއްވި ޕްލެޖްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސްޓޭލްކޯއިން މަދުވެގެން ފަސްލައްކަ ގަސް އިންދުމަށް ނިންމާފައިވެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ލޮނުޒިޔާރަތް ޕާކުގައި ފަށާފައިވާއިރު، މި ޕްރޮގްރާމްގައި އާލާ ކުރަން ހަމަޖެހިފައިވަނީ ރާއްޖެއިން މިހާރު ނެތެމުންދާ ގަސްތަކެވެ.