ލިބިފައިވާ ޢިލްމާ ފަންނީ ހުނަރުން، ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޤައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމުގެ ކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވަވާކަން ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭކަމުގައި ވިދާޅުވިއެވެ.
ހަމަ އެހެންމެ ޢިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މިރޭގެ ޙަފްލާގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި އަދި މި ދަންފަޅީގެ ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
