އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެމްޑީޕީގެ ސަރުކާރާއި އެ ޕާޓީގެ މެޖޯރިޓީ މަޖިލީހުން އިޒްރޭލުގެ ޕާސްޕޯޓް މަނާނުކުރި ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިގެން ދިރާސާ ކުރުމަށް ފަލާހު ހުށަހެޅުއްވުމުން، މި ހުށަހެޅުމަށް މަޖިލީހުގެ ނައިބުރައީސް އަޙުމަދު ނާޒިމް އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވެސް ވަނީ ތާއީދު ކުރައްވާފައެވެ.
މީކާއިލް އިސްލާހު ހުށަހަޅާފައިވަނީ އިމިގްރޭޝަން ޤާނޫނުގެ 8 ވަނަ މާއްދާ ”ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން“ މި މާއްދާއަށެވެ.
އެ އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން އަދި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރަށް އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.
