ރަށްރަށުގައި ކުނި މެނޭޖު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާއިން ހިންގަމުންދާ ”މަގޭ ސާފުރާއްޖެ“ ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް، އެވުޒާރާއިން އެރަށްރަށުގެ ރަށު ކައުންސިލުތަކާ ޙަވާލު ކޮށްފިއެވެ.
މި އުޅަނދުތައް ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ މިކަމަށް މިއަދު އެވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.
މި އުޅަނދުތަކަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މަޝްރޫޢުގެ ދަށުން މިކަމަށް ރާއްޖެއަށް ގެނެސްފައިވާ މުޅިން އާ ވެހިކަލްތަކެކެވެ.
މި މަޝްރޫޢުގެ ދަށުން 78 ރަށަކަށް ވެހިކަލް ފޯރުކޮށްދިނުމަށް އެވުޒާރާއިން ވަނީ ނިންމާފައެވެ.
އެގޮތުން 22 ފެބްރުވަރީ 2024 ގައި އެވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި 48 ރަށެއްގެ ރަށު ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ.
އެހެންކަމުން ރަށު ކައުންސިލްތަކާ ހަވާލުކުރި 30 ވެހިކަލަކީ ބާކީ ހުރި ރަށްތަކަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ވެހިކަލްތައް ކަމުގައި އެވުޒާރާއިންވަނީ ހާމަކޮށްފައެވެ.
އަދި މީގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މިމަޝްރޫޢުގެ ދަށުން 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެގެ މިރަސްމިއްޔާތުގައި އެވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހީމްގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ޓަކެއުޗީ މިޑޯރީ އާއި މިރަށްރަށުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.
މި ވެހިކަލްތައް ހަވާލުކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މިފަސް އަހަރު ނިމޭއިރު، އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ނިޒާމެއް އެކުލަވާލުން ކަމުގައެވެ.
އެގޮތުން ވޭތުވެދިޔަ ހަ މަހުގައި 22 ރަށަކަށް ކުނި މެނޭޖު ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށް ދީ އެއިކުއިޕްމަންޓް ހިންގާނެ ގޮތުގެ ތަމްރީންވެސް އެރަށު ކައުންސިލުތަކަށް ފޯރުކޮށްދީފައިވާ ކަމުގައި މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން 45 ރަށަކަށް ހަމަ މިފަދަ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަގުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށް އެތަކެތި އޮގަސްޓް މަހު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ބަދިގެއިން އުކާލާ ކުނި ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމަށްޓަކައި އެކަމަށް ޚާއްސަ ޓެކްނޮލޮޖީ އެއް ރާއްޖެ ގެނެސް 4 ރަށެއްގައި މިހާރު އިންސްޓޯލްކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި އެވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މިޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ އިތުރު ރަށްތަކުގައިވެސް މި ޓެކްނޮލޮޖީ އިންސްޓޯލްކުރާނެ ކަމުގައި އެވުޒާރާއިންވަނީ ބުނެފައެވެ.
