ސިނަމާލެ ބުރިޖްގެ މަރާމާތުގެ މަސައްކަތުގައި އުޅުނު މީހަކު ރޭ މަރުވެއްޖެއެވެ.

ފުލުހުން މިއަދު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހަކު އަނބުރައި ގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އަދި އެ މީހާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވީ އިންޑިއާ މީހެއް ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.

ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ މާޗް މަހުގެ 30 އިން ފެށިގެން ކުރަމުން އަންނަނީ ވަނީ ބްރިޖް އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ސެކަންޑް ހާބަ އިންޖިނިއަރިން ކޮމްޕެނީންނެވެ.