ސަރުކާރުގެ ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ ގޮތުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އީދުގެ ކުޅިވަރުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި މަށިމާލި ޕެރޭޑާއި ގުޅޭ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަށިމާލި ޕެރޭޑަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޕެރޭޑުގައި އެ އިރެއްގައި އޮންނަ ސަރުކާރަކަށް ފާޑު ކިޔައި، މެސެޖުތައް ދެއެވެ.
ިއެ ހަރަކާތަށް ނިސްބަތްކޮށް ޝިޔާމް ވިދާޅުވީ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދު ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ހަރަކާތެއް ކަމަށެވެ. ސަރުކާރުތަކުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިޔުމާއި ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާ ކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި، ކަރަންޓު ބިލު ބޮޑުވުމާއި، ތުރުކީން ކާޑުގެ ބާވަތްތައް ގެނައުމާއި ގުޅުވާލާފައިވެއެވެ.
