އެމްޑީޕީގެ ސަރުކާރުން ޖަލުގައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން، މުޖްތަމައުގައި ވަރަށް ބޮޑަށް ކުށްތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާން އެކްސްގައި ވިދާޅުވީ، މީގެ 10 ވަރަކަށް މަސް ދުވަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާ ކަމަށެވެ.
އެހެންވެ، މިހާރު ކުށުގެ ވެށި އޮތީ ވަރަށް ނުރައްކާ ދަރަޖައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުށް މަދު ކުރުމަށް އެއްވެސް ރޭވުމެއް ނެތި ކުރި އިންވެސްޓްމެންޓުތަކުގެ ސަބަބުން މައްސަލަ ހައްލު ކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް، މައާފުދީ އަދި އަދަބު ލުއިކޮށްދީ ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލިއިރު، އެ މީހުން މޮނިޓާރ ކުރެވޭނެ އެއްވެސް ހަރުދަނާ ނިޒާމެއް ވެސް ނެތުމުން، ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.