ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ރަސްމީ ހަރުގެ ”ހައުސް އޮފް ޕީއެންސީ“ ހުޅުވައިފިއެވެ.
ހ.ވެޔޮވިލާގައި ގާއިމު ކޮށްފައިވާ މި ހަރުގެ މިރޭ ހުޅުވައިދެއްވީ، އެ ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޕީއެންސީގެ ދިދަ ވެސް ނަންގަވައިފައެވެ.
އެނގިފައިވާ ގޮތުގައި އެ އިމާރާތް ކޮންގްރެސް އިން ކުއްޔަށް ހިފާފައި ވަނީ ފަސް އަހަރު ދުވަހަށެވެ. އެތަން ކޮންގްރެސް އިން ހުޅުވުމާއެކު އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރާނެއެވެ.
ޕީއެންސީއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ލިބިފައެވެ. އެގޮތުން އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީން 66 ގޮނޑި ކާމިޔާބު ކުރިއެވެ.
އަދި އަމިއްލަ ގޮތުން ވާދަކުރައްވައި، ގޮނޑި ހޯއްދެވި މެމްބަރުން އެ ޕާޓީއާ ގުޅިވަޑައިގަތުމާއިއެކު ޕީއެންސީގެ މެމްބަރުންގެ އަދަދު 75އަށް އިތުރުވިއެވެ.
ޕީއެންސީގެ ހަރުގެ ހުންނަ ހ. ވެޔޮވިލާ، އިމާރާތަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ޝަފިއްޔާ ޒުބައިރުގެ އިމާރާތެކެވެ. އެ ޕާޓީގެ ހަރުގެ ކުރިން ހިންގީ އެ އިމާރާތުގައެވެ.
