ފައިސާ ޗާޕު ކުރުން ހުއްޓާލުމަށް، މި ސަރުކާރުން ނިންމި އުނދަގޫ ނިންމުމާއިއެކުގައި ވެސް، ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހ.ވެޔޮވިލާގައި، ”ހައުސް އޮފް ޕީއެންސީ“ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު މިރޭ ވިދާޅުވީ، ފައިސާ ޗާޕު ކުރަމުން ދިޔުމަކީ ”ޝޯޓް ކަޓެއް“ ކަމަށާއި، އެހެންނަމަވެސް، އެކަން ގޮސް ނިމޭނީ ފުން އަނދަވަޅަކަށް ކަމަށެވެ.
އެހެންކަމުން، އެކަން ހުއްޓާލަން އެމަނިކުފާނުގެ ސަރުކާރުން ނިންމެވީ، ރައީީސް ވިދާޅުވި ގޮތުގައި، އިހްލާސްތެރި ނިޔަތެއް އޮވެގެންނެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން، އެމްޑީޕީން ކަން ކުރި ގޮތަށް ނުކުރާ ކަމަށާއި، މިއަދާ ހަމައަށް ވެސް، ރާއްޖެއަށް ނުކަތާ ވަރަށް ބޮޑެތި އިންޓެރެސްޓް ރޭޓުތަކުގައި ލޯނު ނަގާފައި ނުވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުގައި ކުންފުނިތަކަށް ދައްކަން ޖެއްސި ނުވަ ބިލިއަން ރުފިޔާގެ ތެރެއިން، ހަތަރު ބިލިއަން ރުފިޔާ، މި ސަރުކާރުގެ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އެކަން ކުރީ ފައިސާ ޗާޕު ނުކޮށް، ބޮޑެތި އިންޓެރެސްޓާއިއެކު ލޯނު ނުނަގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެސްއޯއީތަކަށް 11 ބިލިއަން ރުފިޔާ، އަދި ބޭރުން ނެގި ދަރަނީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ މި ސަރުކާރުގެ ހަތް މަސް ދުވަހުގެ ތެރޭގައި ދައްކާފައިވާއިރު، ފައިސާ ޗާޕު ކުރުމެއް ނެތި، ލިބޭ އާމްދަނީ އިން ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާގެ ދަރަނި ދެއްކިފައިވާކަން ރައީީސް ފާހަގަކުރެއްވިއެވެ.
”އެއީ، އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް، އަޅުގަނޑުމެން ދައްކާނީ ތެދު ބަހުން ވާހަކަ.“ ރައީސް ވިދާޅުވިއެވެ.
ރައީީސްގެ ވާހަކަފުޅުގައި، ހައުސް އޮފް ޕީއެންސީގެ ހަރުގޭގެ ބޭނުން ހިފައި، ޕީޕީއެމް/ޕީއެންސީގެ މެމްބަރުން، ކޮންމެ ރެއަކު ވެސް، ރައްްޔިތުންނަށް މިފަދަ ކަންކަމުގެ ތެދު ހަގީގަތް ހާމަކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.
