މިހާރު ހުއްޓިފައިވާ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަންނަ މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ”ހައުސް އޮފް ޕީއެންސީ“ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ، ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް، އަންނަ މަހު ފެށިގެންދާނެކަން ރައީސް ރޭ ފާހަގަކުރެއްވިއެވެ.
”މި އަހަރުގެ ޑިސެމްބަރު މަސް ނިމެންވާއިރަށް، އަޅުގަނޑުމެންގެ އަމާޒަކީ، ހަމަ ފުރަތަމަ ވެސް ޕްލޭން ކުރި ގޮތަށް، އެ ތަނުގައި 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމުން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސާއި، ގުޅީފަޅާއި، ރާއްޖޭގެ އިތުރު ހިސާބުތަކުން ވެސް ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް އިގްތިސާދީ އެޖެންޑާގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު، ކުރިން ޕްލޭން ކޮށްފައިވާ ގޮތަށް ކުރިޔަށް ނުދިޔަ ކަމުގައި ވިޔަސް، އެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވެސް ކުރިން ވިދާޅުވެފައިވެއެވެ.
ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފައެވެ. ތިން މީޓަރު އުސް މިނުގައި، ޒީރޯ ކާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ރަސްމާލޭގައި 65000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ.
