ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ނިޔާވި، ށ.ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލަށް، ޖަލުގައި ނަމާދުގެ ސަޖިދައިގައި އޮއްވާ، ހާޓް އެޓޭކް ޖެހުނު ވަގުތުގެ ވީޑިއޯ ފުލުހުން މިއަދު އާއްމު ކޮށްފިއެވެ.
ފުލުހުން އާއްމު ކުރި ސީސީޓީވީ ފުޓޭޖާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ފުޓޭޖުން އިނގޭ ގޮތުގައި ހެނދުނު 7:43 އިން ފެށިގެން ޖަމީލްގެ އެއްވެސް ހަރަކާތެއް ފެންނަން ނެތް ކަމަށެވެ. އަދި 11:34 ވަންދެން ހަށިގަނޑި އޮތީ އެގޮތުގައިކަން ވެސް ވީޑިއޯ އިން ހާމަވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ، އުމުރުން 45 އަހަރުގެ ޖަމީލަށް، އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަން މިހާތަނަށް ބެލި ބެލުމުން ފާހަގަވާ ކަމަށް ބުނެފައެވެ.
ފުލުހުން ބުނީ އޭނާގެ މަރާއި ގުޅިގެން އޭނާ ބަންދުކޮށްފައި ހުރި ސެލްއަށް ގޮސް މައުލޫމާތު އެއްކުރެވުނުކަމަށެވެ.
އެގޮތުން ފޮރެންސިކުން އިއްޔެ 13:53 ގައި އެތަނަށް ގޮސް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު، ޖަމީލު ނިޔާވީ ސަޖިދައިގެ މަގާމުގައި ހަރަކާތް ހުއްޓިފައި އޮތް ކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.
ކ.މާފުށި ޖަލުގައި ޖަމީލު ބަންދުކޮށްފައިވަނީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައެވެ.
އޭނާ ނިޔާވުމާއި ގުޅިގެން އޭނާގެ ހަށިގަނޑުގައި އަނިޔާވެފައިވާކަމުގެ ނިޝާންތައް ހުރުމުން ގިނަ ބަޔަކު ވަނީ ޖަލުގައި އޭނާ މަރާލީ ކަމަށް ތުހުމަތު ކޮށްފައެވެ.