ދިވެހިރާއްޖެއާއި ޗައިނާ އިން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވޭނެ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިންގް ވިދާޅުވެއްޖެއެވެ.
އެކަމަނާ އިއްޔެ ވަނީ ރާއްޖޭގެ އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރާތުގައި ޗައިނާ ސަފީރު ވަނީ ސައީދު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރައްވާ ތަހުނިޔާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހުގައި، އެކަމަނާ އެކްސްގައި ވިދާޅުވީ، ދެ ގައުމުގެ އެއްބާރުލުމާއެކު، ދެ ގައުމުގެ ރައީސުންވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ޗައިނާގެ ރައީީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައި، ތަރައްގީއާ ގުޅިފައިވާ މުހިންމު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވެއެވެ.