ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ވަރަށް އިހްލާސްތެރި ހިތްޕުޅަކާއިއެކުގައި، އެމަނިކުފާނުގެ ބަސްފުޅާއި އަމަލުފުޅު ދިމާ ކުރައްވާ ބޭފުޅެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ، މިރޭ ހައުސް އޮފް ޕީއެންސީގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީީސް މުއިއްޒު އެންމެ ފުރަތަމަ ދެނެވަޑައިގަތީ، ސްކޫލް ދައުރުގައި 1993ގައި ކަމަށާއި، އޭރު ވެސް އެމަނިކުފާނަކީ ވަރަށް އަހްލާގު ރަނގަޅު، ބަސްމަދު، ބަސްފުޅާއި އަމަލު ދިމާކުރައްވާ އިހްލާސްތެރި، ތެދުވެރި ބޭފުޅެއް ކަމަށެވެ.
ޣައްސާން ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ސާފުވީ، ގައުމުގެ މިނިވަންކަމާ އިސްތިގްލާލު ހިމާޔަތް ކުރަން ރައްޔިތުން ބޭނުންވާ ކަން ކަމުގައެވެ. އަދި ބޭރުގެ ސިފައިން، މި ގައުމުގައި ގާއިމުވެ ތިބެން ރައްޔިތުން ނޭދޭކަން ވެސް، އެ ނަތީޖާއިން އެނގުނު ކަމަށް ޣައްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރައްވާނެކަން، އެމަނިކުފާނު ރާއްޖެ އާއި ބޭރުގެ މަސްދަރުތަކަށް ދެއްވި އެކި ބަސްދީގަތުންތަކުގައި ތަކުރާރު ކުރެއްވިކަން ޣައްސާން ފާހަގަކުރެއްވިއެވެ. އެގޮތުން ބޭރުގެ އެތައްހާސް ސިފައިން ރާއްޖޭގައި ތިބި ކަމުގައި ވިޔަސް، ފޮނުއްވާލާނެ ކަމަށް ރައީސް ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެތައް ހާސް ސިފައިން ތިބިނަމަވެސް( ރާއްޖެއިން) ފޮނުއްވާލެއްވީމުހޭ ވިދާޅުވުމުން، އަޅުގަނޑަށް ދޭހަވަނީ އެމަނިކުފާނުގެ އިހްލާސްތެރިކަން.“ ޣައްސާން ވިދާޅުވިއެވެ.
ރައީސްކަމާ ހަވާލުވެވަޑައިނުގަންނަވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާއިރު ވެސް، ގިނަ ސިފައިން ތިބި ނަމަވެސް ފޮނުއްވާލައްވާނެ ކަމަށް ވިދާޅުވުމުން، އެމަނިކުފާނުގެ އަޒުމްފުޅު ވަރުގަދަކަން، ހާމަވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.
