ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުހައްމަދު ލަތީފު ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ތަރައްގީ ކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމާއި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގެންދިއުމާ މަޑުޖެހިފައިވާ ބައެއް މަޝްރޫއުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތާ ތައުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްގީ ކުރުމާއި ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
އަދި ތަރައްގީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދާންދޫ ކައުންސިލުގެ މެންބަރުންނަށް ދެއްވިއެވެ.
