މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ހާޝިމް ވަކި ކުރަން ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އޭނާއަށް އެންގިއެވެ.

ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވައެވެ.

އެގޮތުން މިއަދު ހާޝިމް ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައި ވީނަމަވެސް މިއަދުވެސް އޭނާއަށް ވަނީ މަޖިލީހަށް ހާޒިރު ނުވެވިފައެވެ.

އެހެންކަމުން މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ.

މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ގޮސްފައިވާއިރު އެމްއެމްއޭގެ މާލީ ސިޔާސަތު އެންމެ އެކަށީގެންވާ ގޮތަށް ހިނގަމުން ނުދާ ކަމަށެވެ.

މީގެ ކުރިން ހާޝިމް ކޮމިޓީއަށް ހުށަހެޅުއްވި ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި އެމްއެމްއޭއާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ ދެ އަހަރު، ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ.