އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބައި އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބައި އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ޝުކުރު އަދާކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގައި ވޯޓުލީ މަދު އަދަދެއްގެ ބަޔަކު ކަމަށެވެ. އެހެންވެ، އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
”ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓުލާން ނުކުތީ 3،528 މީހުންނެވެ.
އިއްޔެ ޕީއެންސީއަށް ލިބިގެންދިޔަ ކާމިޔާބީ އަކީ، އޭޕްރީލް މަހުގެ ބައި އިލެކްޝަނަށް ފަހުގައި، އެ ޕާޓީއަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީއެވެ.
